ފުނަދޫ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން މެދުކަނޑާލަން ޖެހުނު އެއަރޕޯޓުގެ އޮޕަރޭޝަންތައް މިހާރުވަނީ އަލުން ފެށިފައެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވިއަން އެއަރލައިންގެ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ.
ރީޖަނަލް އެއަޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވި ގޮތުގައި، “ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމެއް އެކުންފުނިން އަބަދުވެސް ކުރާނެ” އެވެ. އަދި މިވަގުތު ރީޖަނަލް އެއަޕޯޓްސްއިން ބަލަހައްޓަމުންދާ އެއަޕޯޓްތަކުގައި ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުބީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އައު ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިފަދަ މައްސަލަތަކަކީ ކުރީގެ ސަރުކާރުތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރީޖަނަލް އެއަޕޯޓްސްއިން ދީފައިވެއެވެ. ފުނަދޫ އެއަރޕޯޓަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ ހަފްތާއަކު 3 ދުވަހު ދަތުރުތައް ބާއްވަމުންނެވެ.

