މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަށް ވަޑައިގެންނެވި އެމަނިކުފާނުގެ މެހެމާނުންނާ އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން މިއަދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެންމެ އަރިހުގައި ބައިންދަވާފައެވެ.
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް ސަޢުދީ ރަސްގެފާނު އެކި ޤައުމުތަކުގެ ވެރިންނާއި، އިސްލާމީ ޝަޚުޞިއްޔަތުތަކަށް ދަޢުވަތު ދެއްވައެވެ. މި ދަޢުވަތުގައި ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކަންކަން ހަމަޖައްސަވައި ދެއްވަނީ ސަޢުދީ ސަރުކާރުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ސަޢުދީ ރަސްގެފާނުގެ ދަޢުވަތަށް ޙައްޖަށް ވަޑައިގެން ތިއްބެވި ދައުލަތްތަކުގެ އެންމެ އިސްވެރިންނާއި އެހެނިހެން މެހެމާނުންގެ އިތުރުން، ސަޢުދީ ސަރުކާރުގެ އެކި އިދާރާތަކުން ދެއްވި ދަޢުވަތުތަކަށް ޙައްޖަށް ވަޑައިގެން ތިއްބެވި ސަރުކާރުތަކުގެ ވަފުދުތަކުގެ ވެރިންނާއި ޙައްޖާ ގުޅޭ އިދާރާތަކުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ.
ރައީސް މުޢިއްޒު މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢުދީ ސަރުކާރުން ފޮނުއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ސަޢުދީ ޢަރަބިއްޔާގައި ތިއްބަވާނީ ވެސް، ސަޢުދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވީ؛
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު،
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް،
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،
- މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު،
- އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް
- ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ

