ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 5 ވަނަ މަތިންދާ ބޯޓެވެ.
46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މި މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރުމަށްފަހު، ބޯޓު ރަންވޭގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދެވުނެވެ.
މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޚީމް ވިދާޅުވީ، މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުމަކީ އުއްމީދެއް ކަމުގައި ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، އަލަށް ގެނައި އޭޓީއާރުގެ ސަބަބުން އެއަރލައިންގެ އޮޕަރޭޝަނަށާއި ފަސިންޖަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. "މި ބްރޭންޑް ނިއު މަތިންދާބޯޓު ގެނެވުމާއެކު އަޅުގަނޑުމެންގެ ޓެކްނިކަލް ރިލައިބިލިޓީ މިވަނީ ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި،" އެމްޑީ ވިދާޅުވިއެވެ.
މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ހިމެނޭއިރު، މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކާއި، އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތައް ހިމެނެއެވެ.

