ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީޢަހުދު އަމީރު މުޙައްމަދު ބިން ސަލްމާން އަލް ޞައުދުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
މި މުހިންމު ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ސަރުކާރުގެ އިސް ވަޒީރުން ބައިވެރިވެވަޑައިގަތެވެ. ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މާލީ ވަޒީރު މުސާ ޒަމީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1981 ވަނަ އަހަރުގެ މާރިޗު 17 ވަނަ ދުވަހުއެވެ. މިވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެތައް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ޞިއްޙީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް އެ ޤައުމުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

