ސާނަވީ އިމްތިޙާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާ ދެމެދުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ ބިނާވެހި ޕްރޮގްރާމުގެ ތިންވަނަ ބެޗް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވި ގޮތުގައި، ބިނާވެހި ޕްރޮގްރާމަކީ ސާނަވީ އިމްތިޙާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިޙާނަށް ފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަދި ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
“ސާނަވީ ތައުލީމު ނިންމާފައި މަތީ ސާނަވީއަށް ދިއުމުގެ ކުރިން ކުދިން އެތާ މަސައްކަތް ކުރޭ. ނުވަތަ މަތީ ސާނަވީ ނިންމާފައި އިތުރަށް ހަޔަރ އެޑިއުކޭޝަންއަށް ދިއުމުގެ ކުރިން ކުދިން އެބަ މަސައްކަތް ކުރޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެގޮތަށް އަންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް،” ޒުހައިރު ވިދާޅުވިއެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 11 ދަރިވަރުންނާއި، ދެވަނަ ބެޗްގައި 6 ދަރިވަރުން ބައިވެރިވެފައިވާއިރު، މިހާރު ކުރިއަށްދާ ތިންވަނަ ބެޗްގައި 5 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ އަދި އައި.ސީ.ޓީ ފަދަ 12 ދާއިރާއަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.
އާރްޑީސީން ދޭ މަޢުލޫމާތުގައިވާ ގޮތުން، މި ޕްރޮގްރާމްގެ ބައިވެރިންނަށް ފީލްޑް ޓްރިޕްތަކާއި އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން އެލަވަންސްއެއްވެސް ދެމުން ގެންދެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން “ދަސްވާރު” ޕްރޮގްރާމެއްވެސް އެ ކުންފުނިން ކުރިއަށް ގެންދެއެވެ.

