ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިއަދު ފްރާންސަށް ފުރާވަޑައިގެންފިއެވެ.
މި މަހާސިންތާއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުން އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްކުރާ މުހިންމު ބައްދަލުވުމެކެވެ.
ފްރާންސްގެ ނީސް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މި މަހާސިންތާގައި އެންމެ އިސްކަމެއް ދެވޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށެވެ.
މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ. ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ތެރޭގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚާއްޞަ ސެޝަންގައި ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީ ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
އެސްޑީޖީ 14 ގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ކަމުގައިވާއިރު، މި މަހާސިންތާއިން މި ލަނޑުދަނޑި ހާސިލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

