ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގަމުން އަންނަ އިމާރާތާ ޖެހިގެން އޮތް ބިމުގެ ރަޖިސްޓްރީ މިހާރު ޔުނިވަރސިޓީއަށް ލިބިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދުއެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ 2015ވަނަ އަހަރު ޔުނިވަރސިޓީއަކަށް ބަދަލުވިނަމަވެސް ވަޞީލަތްތައް ހަމަކުރުމަށް އަދިވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ ކަންކަމާއި އަލަށް ފަށާކަންކަން އަވަހަށް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއްކަމަށާއި، އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެތަނުގެ ރަޖިސްޓްރީ ލިބިފައިނުވާކަމަށް ވެސް ޑރ. އަލީ ޒާހިރު ބިން ސައީދު ވަނީ ވިދާޅުވެފައެވެ.
ޑރ. އަލީ ޒާހިރު ވަނީ އެ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކަރުން އެ ޔުނިވަރސިޓީއަށް 35000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާދެއްވާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ބިމުގެ އިދާރީ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

