ސައިކަލެއް ވަގަށް ނެގުމުގެ ރެކޯޑު އޮންނަ މީހަކު، އަނެއްކާވެސް ވަގަށް ނަގާފައިވާ ސައިކަލަކާއެކު ހައްޔަރުކުރުމުން، އެއީ ރައްޓެއްސަކު އޭނާއަށް ދުއްވާލަން ދިން ސައިކަލެއް ކަމަށް ބުނެފިއެވެ.
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ހިތަދޫ، ތޫނުފިލިގެ، އުމުރުން 42 އަހަރުގެ މުހައްމަދު ޝަފީއުއެވެ.
އޭނާ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާއިރު، ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
ޝަރީއަތުގައި ޝަފީއު ބުނީ، ދުއްވީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށާއި، އެއީ ވަގަށް ނަގައިފައިވާ އެއްޗެއްކަން ނޭނގޭ ކަމަށެވެ. އަދި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނީ ޝަފީއު ބުނާ ރައްޓެއްސަކީ ކާކުކަން އަދި އެ މީހަކާ ގުޅޭނެ ގޮތެއް ޝަފީއުއަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގައިވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް ޝަފީއު ވަނީ ހައްޔަރުކޮށްފައެވެ. ޝަފީއުއަކީ މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެއް މަހުން އަނެއް މަހަށް ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، މިދިޔަ މަހު އެކަނި ވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ.

