ދުނިޔޭގެ ދުޅަހެޔޮކަމާއި ކަނޑުތަކުގެ ދުޅަހެޔޮކަންވަނީ ގުޅިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމަކަށް ކަނޑުތަކަކީ ހަމައެކަނި ލިބިފައިވާ ޤުދުރަތީ ވަސީލަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ކަނޑުތަކާއި ގުޅިފައިވާއިރު ކަނޑުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަހުގެ ސްޓޮކަށް ބަދަލު އަންނަކަމަށާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ކަނޑުގެ ފިނިހޫނުމިންވެސް މަތިވަމުންދާކަމަށާއި، އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ޤައުމުތަކުގައި ފާހަގަކުރުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރުއެވެ.

