ލ. ގަމުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްދާ ޢީދު ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ބަށި މެޗު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ، ޢާއިޝަތު ޝިހާމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަރުކާރުން މި ފަހަރު އަޟްޙާ ޢީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. ގަމުގައި މިއަދު ހަވީރު މި ބަށި މެޗު ކުރިއަށްދިޔައީ އެ ރަށު އާބާދު ކޮމިޓީން އިންތިޒާމުކޮށްގެން ރަށުގެ އާބާދު، ކުޅޭ ބިން ސަރަހައްދުގައެވެ. ވަޒީރު ވަނީ މި މެޗު ބައްލަވާލައްވައި، މެޗުގައި ބައިވެރިވި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
މިއަދު ހަވީރު އެ ރަށުގައި ތިންމުގޯލި މުބާރާތެއް ވެސް ބާއްވާފައިވެ އެވެ. މި މުބާރާތް ބާއްވާފައި ވަނީ މަތިމަރަދޫ ޢީދު ކޮމިޓީން އިންތިޒާމުކޮށްގެން އެ އަވަށު ސްޓޭޖު ސަރަހައްދުގައެވެ.
މި އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ވަޑައިގަތް، ވަޒީރު ޢާޢިޝަތު ޝިހާމްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނި މިރޭއެވެ.

