ހއ. ކެލާގެ އީދު މަހާސަމާ ސިފަވަނީ އިހުގެ ދިވެހީންގެ ސަގާފީ ކުޅިވަރުތައް ފެންނަ ޢީދެއްގެ ގޮތުގައެވެ.
މިހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު، ޚާއްސަކޮށް ކުޑަކުދިން މި ހަރަކާތްތަކަށް ޝައުޤުވެރިވާކަން ވަނީ ފެނިފައެވެ.
ހއ. ކެލާގެ ވަޅު ޢީދު ދުވަހުގެ ހަރަކާތްތައް ފެށުނީ، އެ ރަށުގައި ޢީދު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ހަމަޖެއްސެވި ޝަރަފުވެރި މެހުމާނު ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދު الله ނާޡިމް އިބްރާހީމްގެ ބައިވެރިވެވަޑައިގަތުމާއެކު ހެނދުނުގެ ކުޅިވަރުތަކުންނެވެ.
މީގެ ތެރޭގައި ފައިގަ ތަޅާ އާއި މަންޑި ފަދަ ކުޅިވަރުތައް ވަނީ ކުޅެފައެވެ. މި ކުޅިވަރުތަކުގައި ރަށުގެ ގިނަ ބަޔަކު ވަނީ ވަރަށް ފޯރިއާ އެކު ބައިވެރިވެފައެވެ.

ދެން ރަށުގައި ކުރިއަށް ދިޔައީ ހަވީރު އިސްޓޭޑިއަމްގައި ކުރިއަށް ދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެވެ. އޭގެ ތެރޭގައި މަލިކު ދަނޑި އާއި ދިގު ދަނޑި، ކުރު ދަނޑީގެ ތަފާތު ސަގާފީ ވައްތަރުތައް ދައްކާލުން އޮތެވެ. އަދި އަންހެނުންގެ މާފަތީގެ ހަރަކާތަކާއި ފަތިގަނޑުޖެހުން ވެސް އޮތެވެ. މި ހަރަކާތްތައް ނިންމާލީ ދަފި ނެގުމުންނެވެ.
އިސްޓޭޖްގައި ވެސް ޒަމާނީ ވަސީލަތްތަކާ އެކު ހަރަކާތްތަކެއް ފެނިގެން ދިޔަ އިރު، އިސްޓޭޖުގައި ހުށައަޅައިދިނީ އިހުގެ އިހުގެ ފަރިހި ކިޔުމުގެ ނަމޫނާ ހުށަހެޅުމެކެވެ.
މި ހަރަކާތް ބަލާލުމަށް އިސްޓޭޖް ސަރަހައްދަށް ވެސް ގިނަ ބަޔަކު ވަނީ ޖަމާވެ ތަރުހީބު ދީފައެވެ. މި ހުށަހެޅުމަކީ ރަށުގެ އިސްރަށްވެހިންގެ ފަރާތުން ހުށަހަޅާ ދިން ހުށަހެޅުމެއް ކަމުން، ގިނަ ބަޔަކު ވަނީ މި ގުރޫޕަށް ވަރަށް ފޯރިއާ އެކު ތަރުހީބު ދީފައެވެ.

