ދިވެހި ސަރުކާރުގެ “މޯލްޑިވްސް 2.0” މަޝްރޫއުގެ ދަށުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ޑްރާފްޓަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންނެވެ.
ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ހިޔާލެއް އާންމުކުރާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
“މޯލްޑިވްސް 2.0” އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ “މޯލްޑިވްސް 2.0” މަޝްރޫއުގެ ހަތަރުވަނަ ތަނބުގެ ދަށުން ތައްޔާރުކޮށްފައިވާ ބިލެކެވެ. މި ބިލުގެ މަގްސަދަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަލުވިކޮށް ފަސޭހަކުރުމެވެ.
ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ، މި ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުން ސަރުކާރުގެ މުހިންމު އިދާރާތަކުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ޕްލެޓްފޯމެއް ތަރައްގީކުރުން ހިމެނެއެވެ.

