ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އިތުރުފަރުވާ ދިނުމަށް އެއަރ އެމްބިއުލާންސްގައި މާލެ ގެނެވިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:00 އެހާކަށްހާއިރު ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވަމުންދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މާލެ ގެނެވުނު ފަރާތަކީ އެކްސިޑެންޓުގައި ސައިކަލުގައި ތިބި 44 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކެކެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، ކޮނޑުހުޅާ ދިމާލުން ބިންދައިގެން ގޮސްފައިވާތީ އޮޕަރޭޝަނެއް ކުރުމަށްޓަކައި މާލެ ގެނެވިފައިވަނީއެވެ.
ސައިކަލު ދުއްވަން އިން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިންދި، ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވާއިރު، ސައިކަލުގެ ފަހަތުގައި އިން ހަމަ އެ އުމުރުގެ އަނެއް ފިރިހެނާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް، ކަނާތު ފައި ދެ ތަނަކުން ބިންދި، އިތުރު އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

