އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ފަތިހު ކުއްލި ގޮތަކަށް ނިޔާވި ޒުވާނާގެ ޖަނާޒާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ނިޔާވެފައި ވަނީ ވެމްކޯގައި ވަޒީފާ އަދާ ކުރަމުން އައި ހިތަދޫ، ސަހަރާގޭ އިބްރާހީމް ހަސަންދީދީ (27 އަހަރު) އެވެ.
އިބްރާހީމް ހަސަންދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއް ތަޤްވާ (ހުސައިން މޫސާ މިސްކިތް) ގައެވެ.
މި މަރާ ގުޅިގެން އާއިލާގެ ފަރާތުން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، މި މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އާއިލާއިން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ މައުލޫމާތު ދޭގޮތުން، ނިޔާވެފައިވާ ޒުވާނާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 6:00 ގައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

