އަޟްހާ ޢީދު ފާހަގަ ކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ސްޓެލްކޯއިން ޤާއިމުކޮށްފައިވާ ސްޓޯލަށް ކުޑަކުދިންގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.
ސްޓެލްކޯއިން ހިންގި މި ހަރަކާތުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންދެވުނު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ހަރަކާތްތަކުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނެއެވެ.
"ޢީދު ހަވީރުގެ ފުރަތަމަ ދުވަސް ނިމިގެން ދިޔައީ އުފާވެރިކަމާއި ހިނިތުންވުމާއެކު، އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު ކުޑަކުދިންނަށް އަގުހުރި ވަގުތުތަކެއް ހޭދަކުރެވިގެން،" މިހެން ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ސްޓޯލްތަކަށް ލިބުނު ހޫނު މަރުހަބާއަށް އެ ކުންފުނިން ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި އެ ކުންފުނީގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ، ހަދިޔާ ހޯދައި، ކުޑަކުދިންގެ ހިނިތުންވުމުން މުޅި މާހައުލަށް އުފާވެރިކަން ގެނެސްދިނުމަކީ އެ ކުންފުނީގެ އެދުމެއް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.
ސްޓެލްކޯއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި މުސްތަޤުބަލުގައި ވެސް މިފަދަ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ކުޑަކުދިންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

