އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތުން ދިވެހި ކުޅުންތެރިޔާ ލައިބާ އަހުމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އަރމޭނިއާގެ ވެރިރަށް ޔެރެވާންގައި ބޭއްވުނު މި މުބާރާތުން ލައިބާ ވަނީ ތިން ރަން މެޑަލް ހާސިލުކޮށް، އޭނާގެ ކުޅުންތެރިކަމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. މި ފަޚުރުވެރި ކާމިޔާބީއަށް ރައީސް މުޢިއްޒު ވަނީ ލައިބާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ސާބަސް ދެއްވާފައެވެ.
"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" މިހެން ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކޮންމެ ޒުވާނަކަށް ވެސް ނަމޫނާއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިވަގުތު ރާއްޖޭގައި 13 އަހަރުން ދަށުގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަޤާމުގައި ހުރި ލައިބާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުން އެތައް ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ އަރމީނިއަން ޔޫތު އޯޕަންގައި ހޯދި އެއް ރިހި މެޑެލް އާއި ލޯ މެޑެލްގެ އިތުރުން، މިދިޔަ އޭޕްރީލް މަހު އިޓަލީގައި ބޭއްވުނު މުބާރާތަކުން ހޯދި ދެ ބްރޯންޒް މެޑެލް ހިމެނެއެވެ.
ލައިބާއަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރެވޭ އެތުލީޓެކެވެ. މި ޕްރޮގްރާމަކީ ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިންގެ ހުނަރު ދައްކައި، އެ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

