ގައުމީ އެއާލައިން، މޯލްޑިވިއަންއިން އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ އެއާލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް، އިތުރު މަންޒިލްތަކަކަށް ދަތުރުތައް ފެށުމަށް ކުރަމުންދާ މަސައްކަތެކެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވި ގޮތުގައި، ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ކުރި އިއުލާނާ ގުޅިގެން ގިނަ ޕްރޮޕޯސަލްތަކެއް ވަނީ ލިބިފައެވެ. އަދި މި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް އަހަރުގެ ފަހުކޮޅު ނުވަތަ އެއަށްވުރެވެސް ކުރިން އިތުރު އެއާކްރާފްޓެއް ގެނައުމަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ޔޫރަޕް އަދި ޖަރުމަންވިލާތުގެ އިތުރުން އެފްރިކާގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވަނީ ރޭވިފައެވެ. އަދި ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމަށް އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ސަލީމް ވަނީ ފާޅުކުރައްވާފައެވެ.
މޯލްޑިވިއަންއަށް ފުރަތަމަ ވައިޑް ބޮޑީ ބޯޓު ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. އެއަރބަސް އޭ330-200 މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު މޯލްޑިވިއަންއިން ވަނީ ޗައިނާގެ ތިން ސިޓީއަކަށް، އެއީ ބެއިޖިންގ، ޝަންހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ފަށާފައެވެ.
އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަކީ ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

