މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މެއިމަހުގެ 31 ވަނަ ދުވަހުއެވެ.
ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަޒީރުން ޙައްޖަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދައުވަތެއްގައެވެ. އެހެންކަމުން ރައީސްގެ މިދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢުދީ ސަރުކާރުންނެވެ.
ރައީސްގެ މި މިދަތުފުޅުގައިވަނީ ވަނީ ދިވެހި ޙައްޖާޖީންނާއި ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ސަޢުދީގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ވަނީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

