ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބިދޭސީ މީހާ ކޯޓަށް އިއްޔެ ހާޒިރުކޮށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
އެ މައްސަލައިގައި މިދިޔަ މަހު 24ގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އަބްދުލް ކަރީމެވެ. އޭރު އޭނާ ހައްޔަރުކުރުމަށް ފަހު، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކުރިއެވެ.
ކޯޓަަށް ހާޒިރު ކުރުމުން އޭނާ ބުނީ އޭނާ އަތުން ފެނުނު އެ ސިނގިރޭޓު ކާޓަންތަކަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށެއެވެ.
ކަރީމަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައި ވަނީ، އެ ސިނގިރޭޓުތަކަކީ އޭނާއަށް މީހަކު ގުޅައި، ހަވާލުކުރި އެއްޗެއް ކަމަށް ބުނި ކަމަށެވެ. އެކަމަކު، ސިނގިރޭޓުތައް ހަވާލުކުރަން ގުޅި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ބުނެދެވިފައިނުވާ ކަމަށް އައިއޯއާ ހަވާލާދީ އަމުރުގައިވެއެވެ.

