ގޭތެރޭގެ އަނިޔާ ލިބޭ އަންހެނުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި “ޑޮމެސްޓިކް ވައިލެންސް ޝެލްޓަރ” ގެ ނަމުގައި އިތުރު ތިން ޝެލްޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް ކަމަށާއި، މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރު މިފަދަ ތަންތަން އިތުރަށް ބޭނުންވާކަން ވަނީ ފާހަގަކުރެވިފައެވެ. “އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ނަންބަރުތަކަށް ބަލާއިރު މުޖުތަމައަށް އެބަ ބޭނުންވޭ މިކަހަލަ ތަންތަން،” މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އިސް ރަށްވެހިންނަށް ޚާއްސަކޮށް މާލޭގައި އިސްވެރިންގެ ނާދީއެއް ޤާއިމުކުރެވިފައިވާ ކަމަށާއި، ހުޅުމާލޭގައިވެސް އެޗްޑީސީއާ ގުޅިގެން މިފަދަ ތަނެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި މިފަދަ ނާދީތަކެއް އެޅުމަށް ރޭވިފައިވާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މުޖުތަމަޢު ބާރުވެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން “ހާލު ކިހިނެއް” އަދި “އިބަމް” ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމްތަކުގެ ދަށުން ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރެވޭ ކަމަށް އެކަމަނާ އިތުރަށް ހާމަކުރެއްވިއެވެ.

