އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުޓުވައި އަދި، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ މަގުތަކުގައި ބަޔަކު މުޒާހަރާ ތަކެއް ކުރަން ފަށައިފިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހުއެވެ.
އިސްރާއީލުންދަނީ އެއްގަމު މަގުންނާއި ކަނޑުމަގުންވެސް ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރު ފެށި ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއް ކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ މަޑްލީން އުޅަނދުވެސް ވަނީ އިސްރާއީލުގެ ބެލުމުގެ ދަށައްގެންގޮސްފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ޣައްޒާގެ ރައްޔިތުންނަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ތެލް އަވީވުގައި އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަމުން މި ދަނީ، އިޓަލީވިލާތުގެ ރައްޔިތުން ވެސް އެ ޤައުމުގެ ވެރިރަށް ރޯމްގައި މި ފަދަ މުޒާހަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލު ސިފައިން ވަނީ ޣައްޒާ ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށްފަހު ބައެއް ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ހުއްދަ ދީފައެވެ. ނަމަވެސް އެހީ ހޯދަން ދާ ފަލަސްތީނުގެ ރައްޔިތުންނަަށް އަމާޒުކޮށް ތަކުރާރުކޮށް ބަޑީގެ ހަމަލާތަކެއް ދަނީ ދެމުންނެވެ.

