“އަރްމޭނިއަން ޔޫތު އޯޕަން 2025” ގައި ތިން ކެޓަގަރީއަކުން ރަން މެޑެލް ހޯދައި ތާރީޚީ ކާމިޔާބީއެއް ހޯދި ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ލައިބާއަށް މަރުހަބާ ކިޔުއްވުމުގެ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަގިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ ލައިބާ ހޯދި ކާމިޔާބީއަކީ ރާއްޖެ ފަޚުރުވެރިވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތައް ހޯދާނެކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.
“މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެއްގެ ނަތީޖާ. އަޅުގަނޑު އަބަދުވެސް މުބާރާތްތަކަށް ދަނީ ރަން މެޑެލް ހޯދުމުގެ އުއްމީދުގައި،” ލައިބާ ބުނެފައިވެއެވެ. އަދި ސަރުކާރުން މިފަދަ ގޮތަކަށް އޭނާގެ ކާމިޔާބީ ފާހަގަކުރެއްވުމަކީ އިތުރު ހިތްވަރެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
ލައިބާގެ ބައްޕަ އަޙްމަދު މަޚްލޫފް ވިދާޅުވީ މި ކާމިޔާބީގައި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް އޮތް ކަމަށެވެ. ޚާއްޞަކޮށް އަރުތަ ޕްރޮގްރާމްގެ ދަށުން ލިބޭ އެހީތެރިކަމާއި، އެކި ސްޕޮންސަރުންގެ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
2022 އިން ފެށިގެން ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ލައިބާ، މިފަހަރު ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުންނެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށްވުމާއެކު، ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެލް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

