ރާއްޖޭގެ ނަންމަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝެއިޚް ނިޔާވީ ބައްދަލުވުމަކަށް މެލޭޝިޔާއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޝައިޚް ފަރީދު ނިޔާވީ އެއާޕޯޓަށް ފެއިބިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. “ޝައިޚް ފަރީދުގެ ދަރުސްތަކަކީ ވަރަށް ގިނަ ބަޔަކަށް މަންފާކުރި، އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބު ލިބިގެންދިޔަ ދަރުސްތަކެއް” ކަމަށް ދީނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.
ޝެއިޚްގެ ދަޢުވަތުގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދެވި ސިލްސިލާ ދަރުސްތައް ފާހަގަކޮށްލެވެއެވެ. މި ދަރުސްތަކުގެ ސަބަބުން ގިނަ ބަޔަކު ދީނީ ގޮތުން ހޭލުންތެރިވެ، ތެދުމަގު ލިބިގަތްކަން ފާހަގަކުރެވެއެވެ.
ޝައިޚް ފަރީދުގެ ހަޔާތްޕުޅުގައި ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކަށް ބަލާއިރު، އެމަނިކުފާނުގެ ނިޔާވުމަކީ ދިވެހި މުޖުތަމަޢުއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އަލްމަރުޙޫމް ޝައިޚް އިބްރާހިމް ފަރީދު އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

