ސަޢޫދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށިގެން ކުރިއަށްގެންދެވުނު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންގެ ޙާލު ބައްލަވާލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙައްޖުވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ސަޢޫދީ ސަރުކާރުން ދެއްވި މެހުމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ސަޢޫދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބެވީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.

