ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުންދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ. "މި ނިޒާމު ތައާރަފްކުރުމުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން އިތުރުވެ، ތަންފީޒީ އިދާރާތަކަށް މަސައްކަތްތައް ފަސޭހަވެގެންދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
އާރްއެފްއައިޑީ ނިޒާމުގެ ފައިދާތައް
މި އައު ނިޒާމުގެ ސަބަބުން ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއި، އުޅަނދުތަކާ އެހެން ފަރާތްތަކުން ބެހުމުން އެލާޓްކުރެވޭނެއެވެ. މީގެއިތުރުން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ދެނެގަތުމާއި، އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުކުރުމަށް މި ނިޒާމުން މަގުފަހިވެގެންދާނެއެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާއިރު، މީގެ ތެރެއިން 70 ޕަސެންޓަކީ ދެފުރޮޅުލީ އުޅަނދުތަކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "މާލެފަހި" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވެސް ފަށާފައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ މި ނިޒާމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު ޓެކްނޮލޮޖީ އެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

