މިއަދު މެލޭޝިޔާގައި އަވަހާރަވެވަޑައިގެން ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު ވަކިވެދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝައިޚު ފަރީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށް ވިދާޅުވަމުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެއް އަދި ޚިދުމަތްތެރި ޝަޚްޞިއްޔަތެކެވެ. އަދި ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.
“މާތް ﷲ ޝައިޚަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން. ވަކިވެގެން އެދިޔައީ ގާތް އަޚެކެވެ.” މިނިސްޓަރު ވިދާޅުވިއެވެ.
ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ޝައިޚު ފަރީދު މެލޭޝިޔާއަށް ވަޑައިގެންނެވީ އެ ޤައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެއަރޕޯޓަށް ފައިބާވަޑައިގަތުމަށްފަހު ވެއްޓިވަޑައިގަތުމުން ސީޕީއާރު ދިން ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަވަހާރަވެ ވަޑައިގެންފައިވެއެވެ.
އަލްމަޢުހަދުން ތަޢުލީމު ހާސިލުކުރެއްވި ޝައިޚު ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އެކި ރަށްރަށަށް ވަޑައިގެން ދީނީ ދަރުސްތައް ދެއްވުމުގެ އިތުރުން، ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ކޮއްކޮ ކަމަށްވާ ޝައިޚު ފަރީދަކީ ދީނީ މަޢުލޫމާތު ގެނެސްދޭ ޓީވީ ޗެނަލް “އަލްކައުނު” ގެ ޗެއާމަން ވެސް މެއެވެ.
ޝައިޚު ފަރީދު އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.

