އާސަންދަ ރީފޯމްކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯ މެދުވެރިކޮށް ކުރިން އެތެރެކުރަމުން ދިޔަ 300 ބޭހުގެ އަދަދު 1000 އަށް އިތުރުކޮށްފައިވާ ކަމަށް ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވި ގޮތުގައި، އާސަންދައިގެ ނިޒާމް މިހާރު ވަނީ ރާއްޖެއަށް ނުކަތާ މިންވަރަށް ފުޅާވެފައެވެ. އަދި އާސަންދައަށް ކަނޑައަޅާ ބަޖެޓުގެ ފައިސާ ކޮންމެ އަހަރަކުވެސް ހުސްވެ، ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން އެ ޚަރަދުތައް ހަމަޖައްސަން ޖެހެއެވެ.
“އޭގެ އަލިމަގު އަޅުގަނޑުމެންނަށް އެބަފެނޭ. ޝަކުވާތައް މަދުވެއްޖެ. ދިވެހިރާއްޖެއަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރަން މި އޮންނަ އެސްޓީއޯގެ ސަޕްލައި އިތުރުވެއްޖެ،” ވަޒީރު ވިދާޅުވިއެވެ.
ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ފެށި މަސައްކަތުން ފާހަގަވެފައިވަނީ ބައެއް ބޭސްތައް ވަރަށް ބޮޑު ޕްރޮފިޓް މާޖިންއެއްގައި ވިއްކަމުން ދިޔަކަމެވެ. މި މައްސަލަ ހައްލުކުރުމަށް ބައެއް އެސެންޝިއަލް ބޭސްތަކަށް ކޮންޓްރޯލް ކުރެވިފައިވާ އަގެއް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު ބޭސްތަކަށް ބަލާއިރު، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި ބޭހުގެ ތެރެއިން 1400 ބޭސް ގެނައުމަށް އަމާޒުކޮށްގެން އެ ބޭސްތައް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެސެންޝިއަލް މެޑިސިންގެ ގޮތުގައި ހިމެނޭ ބޭސްތަކުގެ 99 ޕަސެންޓް މިހާރު އެސްޓީއޯއިން އެތެރެކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

