މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ސޮރީ" އަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީ ފާހަގަކުރުމަށް ވަރުގަދަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އިވެންޓް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.
ފިލްމު ނެރުމުގެ ކުރިން ޓިކެޓު ވިއްކުމަށް ހުޅުވާލުމާއެކު، ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މިހާރު ވިއްކަމުންދަނީ "ސޮރީ" ގެ 15 ވަނަ ޝޯގެ ޓިކެޓެވެ. ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނި ގޮތުގައި މިއީ ވަރަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދިން ގޮތުގައި މި އިވެންޓުގައި ފިލްމުގެ ބިހައިންޑް ދަ ސީން (ފިލްމު މޭކިން ވީޑިއޯ) ގެ ސީރީޒް ރިލީޒްކުރުމާއި، ފިލްމުގެ ރަސްމީ ތީމް ލަވަ ރިލީޒްކުރުން ހިމެނެއެވެ. މީގެ އިތުރުން ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމު "4426" ވެސް ހިލޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
"ޖޫން 17 ގައި ‘ސޮރީ، އަޅުވާއިރު ‘ޔޫސުފް، ގެ ރިކޯޑު މުގުރާލެވޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ބޮޑުވެފައި" ނަހޫ ބުންޏެވެ. ނަހޫގެ ފިލްމުތަކުގެ ތެރެއިން އެންމެ މަޤުބޫލުވި ފިލްމު "ޔޫސުފް" އޮލިމްޕަހުގައި އެޅުވުމުގެ ކުރިން 17 ޝޯގެ ހައުސްފުލް ވެފައިވާއިރު، "ސޮރީ" އިން މި ރިކޯޑު މުގުރާލުމަކީ ނަހޫގެ އަމާޒެކެވެ.
ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިން ހިމަނައިގެން އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ނެރޭ ދުވަސް ކައިރިވަމުން އަންނައިރު، "ސޮރީ" ގެ ޓީމުން ވަނީ ދާދިފަހުން ވަރުގަދަ "އިމޯޝަނަލް ޑެމޭޖް" އިންޒާރެއްވެސް ނެރެފައެވެ

