މެލޭޝިޔާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ، 15 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ފުލުހުން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ސުލްތާނު އިދްރީސް ޔުނިވަރސިޓީގެ 14 ދަރިވަރުންނާއި ބަސް އެޓެންޑެންޓެކެވެ.
ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މެލޭޝިޔާގެ އުތުރުން ތައިލެންޑްގެ ބޯޑަރު ކައިރީގައި އޮންނަ ކާރޫބާރުބޮޑު ހައިވޭއެއްގައެވެ. އެކްސިޑެންޓު ހިނގީ ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަސް ކޮންޓްރޯލުން ނައްޓައިގެން ގޮސް ކުޑަ ވޭނެއްގައި ޖެހުމުންނެވެ. މި ހާދިސާގައި 13 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މަރުވެފައެވެ.
ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި މި ހާދިސާގައި މަރުވެފައިވާ ދަރިވަރުންނަކީ އުމުރުން 21 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މިއީ މެލޭޝިޔާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މީހުން މަރުވެފައިވާ މަގުމަތީގެ އެކްސިޑެންޓް ކަމަށް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ހާއްސަ އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، މަރުވެފައިވާ ދަރިވަރުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަޝްވަރާކުރަމުންނެވެ.

