ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، ރައުދުގެ މައްޗަށް ކުރަނީ، ގާނޫނުލްއުގޫބާތުގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހުއެވެެ.
ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އެ ދައުވާ އުފުލަނީ މިއަހަރުގެ އެޕްރީލް 18 ވަނަ ދުވަހު 04:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކީ އޭނާ ކުށްވެރިވުން ނޫން ކަމަށާއި ދައުވާ ކޯޓަށް ހުށަހަޅަނީ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލައި ދައުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުރި ކަމަށް ޕީޖީއަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށް ވެސް ބުންޏެެވެ.
މި މައްސަލަ ބެލުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފައެވެ. އެކޮމިޝަނުން މިހާރު ވަނީ ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފައެވެ.

