އިންޑިޔާގެ ކެރަލާ ކައިރީން ދަތުރު ކުރަމުންދިޔަ ސިންގަޕޫރުގެ އާގުބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެ، އަނދަން ފަށައިފިއެވެ.
ރޯވެފައި ވަނީ އެމްވީ ‘ވޮން ހައި 503’ ނަމަކަށް ކިޔާ އާގުބޯޓެކެވެ.
އެމްވީ ވޮން ހައި 503ގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައި ވަނީ ކެރަލާގެ ކަންނޫރް ޑިސްޓްރިކްޓުގެ ބަނދަރުމަތީ ރަށް، އަޖޭކާލްގެ ރަށް ބޭރުން 44 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް، އިންޑިޔާ ގަޑިން ހެނދުނު 9:2 ހާއިރުއެވެ.

އަދި އެ ބޯޓުގައި ތިބި 22 ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ގެއްލިފައެވެ. އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމަށް އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ޑޯނިޔަރ މަތިންދާބޯޓުތައް ބޭނުން ކުރަމުންނެވެ. އަދި، ކޯސްޓްގާޑުން ވަނީ، ކަނޑަށް ނުރައްކާތެރި ކެމިކަލެއް އެޅިދާނެ ކަމުގެ ފުރުޞަތު އޮތުމާ އެކު، އެ ފަދަ ތަކެތި ސާފު ކުރުމަށް ޚާއްޞަ ކޮށްފައިވާ އުޅަނދުފަހަރު އެ ސަރަޙައްދަށް ފޮނުވާފައެވެ.
އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން 18 މީހުން ވަނީ ސަލާމަތް ކޮށްފައެވެ. އެ 18 މީހުން ސަލާމަތް ކޮށްފައިވަނީ އިންޑިޔާގެ ކޯސްޓުގާޑާއި ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

