“ދީނީ އިލްމުވެރިޔާ” ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފިއެވެ.
ޝެއިޚް ފަރީދު ނިޔާވީ އިއްޔެ ނިޔާވީ މެލޭޝިޔާގެ އެއާޕޯޓެއްގައި ހުންނަވަނިކޮށް، ހާލު ދެރަވެގެންނެވެ.
ޝެއިޚް ފަރީދުގެ ޖަނާޒާ އަންނަ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ބާއްވައިފިނަމަ އަންނަ ހުކުރު ދުވަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަން ވަނީ ނިންމައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. ޝައިހް ފަރީދުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އިއުލާން ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެ ގައުމުގައި އޮތް ބައްދަލުވުމަކަށެވެ. އެއާޕޯޓް ތެރޭގައި ވެއްޓިވަޑައިގަތުމުން އަވަސް ފަރުވާ ދީފައިވީ ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.
ޝައިޚް ފަރީދުގެ ހިކުމަތްތެރިކަމާއި، ތަވާޟުއުވެރިކަމާއި، އިސްލާމީ އިލްމު ފެތުރުމަށް މުޅި އުމުރު ދުވަހު ކުރެއްވި ހިދުމަތްތައް ހަނދާންކޮށް، ސޯޝަލް މީޑިއާގައި ހުރިހާ ފަންތިއެއްގެ މީހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޝައިހު ފަރީދުގެ ކުއްލި ވަކިވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވައި، އިސްލާމީ ތައުލީމާއި ގައުމުގެ ރޫހާނީ ކުރިއެރުމަށް ޝައިހް ފަރީދު ދެއްވާފައިވާ ހިދުމަތްތަކަށް އަލިއަޅުވާފައެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޝައިހު ފަރީދު ވަކިވެދިއުމަކީ ދިވެހި ގައުމަށް އަދި އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ.
ޝެއިޚް ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އަދި އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފައެވެ.

