ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު މިއަދު އަވަހާރަވުމުން ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނުމެންނާއި އެކު ކުރައްވާފައިވާ ލޮބުވެތި އަޚް، އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓެވުމަށް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
ރަޝީދު ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.
ރަޝީދަކީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.

