އާރުޑީސީގެ މަސައްކަތްތަކަށް ވަޒީފާ ދިނުމުގައި އެންމެ އިސްކަމެއް ދެނީ ދިވެހިންނަށްކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ޒުހައިރު ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ކުރާ މަސައްކަތްތަކަށް އެރަށެއްގައި ތިބި ހުނަރުވެރި ދިވެހި މަސައްކަތްތެރިން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވެސް އެންމެ އިސްކަންދޭ ކަމެއްކަމުގައި އެމްޑީ ފާހަގަކުރެއްވިއެވެ.
“ކޮންމެ ރަށަކުން ވެސް އެންމެ ފުރަތަމަ ބަލަނީ އެ ރަށަކުން ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ލިބޭތޯއެވެ. މީގެ ތެރޭގައި ވަޑާންކުރާ މީހުންނާއި، ޓައިލްސްމަނުންނާއި، އޮވަޖަހާ މީހުންނާއި، ސިމެންތި ޖަހާ މީހުން ހިމެނެއެވެ،” އެމްޑީ ވިދާޅުވިއެވެ.
އާރުޑީސީން ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓުތަކުގައި ހުނަރުވެރި އަދި ދެވަނަ ފަންތީގެ މަސައްކަތްތެރިންގެ ބޭނުން ޖެހޭކަމަށާއި، މިފަދަ މަސައްކަތްތެރިން ހޯދުމުގައި މިނިސްޓްރީ އޮފް ފައިނޭންސްއާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރަށްރަށުން މިފަދަ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ލިބެމުންދާ ކަމަށާއި، މި މަސައްކަތްތެރިންގެ އެހީގައި ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވެމުންދާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއްކަން ވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

