އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ފައިގައި ޓެގް އަޅުވައިގެން އިތުރު ދެ މީހަކު ދޫކޮށްލައިފިއެވެ. މިއާއެކު މި ނިޒާމުގެ ދަށުން މިހާތަނަށް ޖުމްލަ ތިން މީހަކު ވަނީ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި އެންމެ ފަހުން ދޫކޮށްލާފައިވާ ދެ މީހުންނަކީ ޑައިމޯފިން ޓްރެފިކްގެ މައްސަލައިގައި ހިމެނޭ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް ދޫކޮށްލާފައިވަނީ 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެންނެވެ.
ދޫކޮށްލެވޭ ފަރާތްތަކުން ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވާން ޖެހެއެވެ. މީގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނެ ފަރާތްތައް ކަނޑައަޅަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ބިނާކޮށެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް މި ނިޒާމުގެ ދަށުން ލުޔެއް ނުދެވޭނެއެވެ.
މި ނިޒާމު ތަޢާރަފުކޮށްފައިވަނީ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމާއި، ބަންދުގައި ތިބޭ މީހުންނަށް ލިބިދޭ ވަސީލަތްތައް ރަނގަޅުކޮށް، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްޞަދުގައެވެ. އިތުރު މީހުން ދޫކޮށްލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

