ފްރާންސްގެ ނީސް ސިޓީގައި ކުރިއަށްދާ އ.ދ.ގެ ތިންވަނަ އޯޝަންސް ކޮންފަރެންސްގެ ތެރެއިން ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިއްޔެ އިފްތިތާހުކޮށްފިއެވެ. މި މަގުޗާޓު އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.
އޯޝަން އެކައުންޓްސްއަކީ ކަނޑާއި އައްސޭރިފަށުގެ ޤުދުރަތީ ވަސީލަތްތަކުގެ ޙާލަތު ދެނެގަނެ، އޭގެއިން ލިބޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ. މި މަގުޗާޓުގައި 2026 އިން 2030 އަށް ހާސިލުކުރަން ބޭނުންވާ ތިން މައިގަނޑު ލަނޑުދަނޑި ހިމެނެއެވެ.
ވަޒީރު ޠާރިޤް އިބްރާހިމް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަހުގެ 9 އިން 13 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

