މަސްވެރިކަމާއި މަސްވެރިންގެ ކުރިއެރުން މަސައްކަތް ކުރުމަށް 2024 ގައި އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމުގައިވާ "ކެޔޮޅުންގެ ލޮބީ" އިން އިންތިޒާމު ކޮށްގެން މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ "މޯލްޑިވްސް ޓުނާ ރޭސް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުވަދޫ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އެ ޖަމްޢިއްޔާގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވީ
މި މަސް ރޭހަކީ ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާންމުކޮށްގެން ހުޅުވާލާފައިވާ މަސް ރޭހެއްކަމަށާއި މިހާ ބޮޑު ޙަރަކާތއް ބާއްވަނީ ޖަމިއްޔާގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގަ ގއ ކޫއްޑޫ އިން ފަށާ އަދި 24 އިރުގެ ތެރޭގައި އެންމެ ގިނަ މަސް ބާނާ ދޯނި ހޯދާ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގައި މިހާތަނަށް 10 ދޯނި ބައިވެރިވެފައިވާ ކަމަށް ކެޔޮޅުންގެ ލޮބީ އިން މައުލޫމާތު ދެއެވެ.
މި މުބާރާތުގެ އެއްވަންއަށް 100000 ރުފިޔާ، ދެވަނައަށް 50000 ރުފިޔާ އަދި ތިންވަނައަށް 25000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމާއި ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމެވެ. ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމަކީ ވެސް މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް އެ ޖަމްޢިއްޔާ އިން ބުނެފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 10 ޖޫންގައި ހުޅުވާލާފައިވާއިރު މިއީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ދޮށީ މަސްވެރިކަންކުރަމުން އަންނަ ކޮންމެ އޮޑިއަކަށްވެސް ބައިވެރިވެވޭ މިމަސްރޭހެކެވެ.
"މޯލްޑިވްސް ޓޫނާ ރޭސް 2025" ބާއްވަން ރާވަމުން ދަނީ، ރާއްޖޭގެ ދޮށީ މަސްވެރިންގެ ހަބް އަދި އެންމެ ގިނައިން މަސް ލޭންޑްކުރާ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައެވެ. އަދި ރޭހުގައި ވަނަ ކަނޑައަޅާނީ ކޮމާޝަލީ މިހާރުވެސް ދޮށީ މަސްވެރިން މަސްކިރަމުން އަންނަ އުސޫލާ އެއްގޮތްވާގޮތުގެމަތީން މަހުގެ ބަރުދަން ބަލައިގެންނެވެ.
މިރޭހުގެ މައިގަނޑު އެއް މަގްސަދަކީ، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކުރުވައި، މަސްވެރިކަމާ ދުރަށް ދިޔަ ޒުވާނުން އަނބުރާ ގެނައުން. އަދި މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫހު ދިރުވުމެވެ.
ރާއްޖޭގެ ކެޔޮޅުން ބުނާ ގޮތުގައި މިހާ ބޮޑުކޮށް ދޮށީގެ މަސްވެރިކަން ކުރާ އޮަޑި ދޯނި ފަހަރަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މިއީ މިފަދަ ފުރަތަމަ މުބާރާތް ކަމަށާއި މިއީ ވަރަށް ކާމިޔާބު ވާނެ މުބާރާތެއް ކަމަށެވެ. އަދި އަތޮޅު ފެންވަރުގައި އާއި ރަށު ފެންވަރުގައި ވަރަށް ގިނައިން އަދި އެހައިމެ ފޯރި ގަދަ ވާނެހެން ބޭވުން މުހިންމު މުބާރާތެއް ކަމަށެވެ.

