އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އައްޑު މީދޫ ދާއިރާގެ ކައުންސިލް މެމްބަރު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުންނާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ގެއިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ ހިއްސާކުރައްވާފައެވެ.
އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދިނުމަށް ކައުންސިލް މެމްބަރު އައިމިނަތު ސާލިހާ ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި މި ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ސާލިހާ އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާސް މިނިސްތްރީން މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

