މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި 59 މަޝްރޫޢެއްގެ މަސައްކަތް ނިމޭނެކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ސައުދީ މިހެން ވިދާޅުވީ އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަީށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫޢުތަކާއި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫޢުތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީއެވެ.
"މިއަހަރު ޚާއްސަ މަޝްރޫޢުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫޢަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫޢު ހިމެނޭހެން 59 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކުރެވޭނެ،" ސައުދީ ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތުން އެވްރެޖްކޮށް މަހަކު 6 ނުވަތަ 7 މަަޝްރޫޢެއްގެ މަސައްކަތް ނިންމާލެވޭނެއެވެ. އަދި އަންނަ އަހަރު 72 މަޝްރޫޢެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"2026 ގައިވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓްސް. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގޮއިން ޕްރޮޖެކްޓް ހިމެނޭނެ. ގޮސްސަ 2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ 4ވަރަކަށް ޕްރޮޖެކްޓް،" ސައުދީ ވިދާޅުވިއެވެ.
ސައުދީ އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނީގެ މިހާރުގެ ޓާގެޓް ހާސިލްކުރުމަށް ސަރުކާރާއި އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދެއެވެ. އަަދި އެމްޓީސީސީގެ މަސައްކަތްތައް ނިމިގެންދާއިރު ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ފުދިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

