ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންތަކުގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް “ޕްރޮސެކިއުޓަރ ޖެނެރަލް” ޕީޖީ އޮފީހުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕީޖީ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު “އެކްސްގައި” ހިއްސާކުރި ޕޯސްޓެއްގައެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ބަންދަށް ލުއި ދެވޭނީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ.
އިއްޔެވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިތުރު ދެ މީހަކު ޓެގު އަޅުވާފައި ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ނަމަވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.

