ވަގު ސްލިޕްތަކެއް ހެދި ޒުވާން އަންހެނަކު ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ، ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، އުމުރުން 22 އަހަރުގެ އާއިޝަތު މަލީހާ ހޯދަމުންދާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ މި މައްސަލައަކީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި މި ޒުވާނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ސާޖަންޓް އާދަމް ހަލީމްގެ އަރިހަށް ހާޒިރުވުމަށް އާއިޝަތު މަލީހާއަށް އަންގައި، އެކަން ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި މި މައްސަލައިގައި އާއިޝަތު މަލީހާއާ ސުވާލުކުރަން ބޭނުންވަނީ ތުހުމަތުކުރެވޭ ފަރާތެއްގެ ހައިސިއްޔަތުންނެވެ.

