ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށެވެ. އަދި އެފަދަ ޤައުމުތަކަށް އަތްފޯރާ ފަށުގައި މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ޤައުމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޕްރޮފެޝަނަލް އަދި އަމިއްލަ ތަޖުރިބާއިން ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ މުޅި ދުނިޔެއަށް ރާއްޖޭގެ ދެމިއޮތުމާއި އަދި ދިވެހިންގެ ދިރިއުޅުމާއި ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

