މިހާރު އޭސީ ނުކުރެވި ހުރި ހުރިހާ ސަރުކާރު ސްކޫލްތަކެއް އޭސީކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި “ކޫލް ސްކޫލް ޕްރޮޖެކްޓް” ގެ ދަށުން ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްތަކަށް ވަޑައިގެންނެވިއިރު ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން އެދުނު ކަމަކީ ކުލާސްރޫމްތައް ފިނިކޮށްދިނުން ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިކަން މެނިފެސްޓޯގައި ހިމަނައި، ހުރިހާ ކުލާސްތަކެއް އިއާދަކުރަނިވި ހަކަތައިން އޭސީކުރުމަށް ވަނީ ނިންމަވާފައެވެ.
ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި މިހާރު އޭސީކުރަން ހުރީ 3،604 ކުލާސްރޫމް ކަމަށާއި، މި ކުލާސްރޫމްތައް މި އަހަރުގެ ތެރޭގައި އޭސީކޮށްދެއްވުމަށް ވަނީ ރޭވިފައެވެ. އަދި މި މަޝްރޫޢުގެ ތެރެއަށް ސްކޫލްތަކުގެ ހޯލުތައް އޭސީކުރުންވެސް އިތުރުކޮށްފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދު ކަމަށްވެފައި، މިކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ދަރިވަރުންނަށް ފިނިމައިތިރި މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

