އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) މަޝްހޫރު އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ އިތުރުކޮށްފިއެވެ. މިހާރު މި އެއާލައިނުން ރާއްޖެއަށް ދުވާލަކު ދެ ފްލައިޓް ބާއްވާނެ ކަމަށް އަންގާފައިވެއެވެ.
އެއާ އަރަބިއާއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ޔޫއޭއީގެ ޝަރްޖާހް ސިޓީއާ ދެމެދު ކޮންމެ ދުވަހަކު އެއް ފްލައިޓް ބާއްވަމުން އައި ނަމަވެސް، މިހާރު އެ އަދަދު ދެގުނަ ކޮށްފައިވެއެވެ.
އެއާ އަރަބިއާގެ ގްރޫޕްގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވެފައިވަނީ، މި ދަތުރުތައް އިތުރު ކުރުމުގެ ސަބަބުން ދަތުރުވެރިންނަށް މިހާރަށްވުރެ ރަނގަޅު ކަނެކްޓިވިޓީއަކާއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަގުބޫލު މަންޒިލަށް ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، އެ އެއާލައިންގެ ދަތުރުތައް ދެގުނަ ކުރަން ނިންމި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ރާއްޖޭގައި އަޅުގަނޑުމެންގެ ބައިވެރިވުން އިތުރުވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އާދިލް އަލް އަލީ ވިދާޅުވިއެވެ.
އެއާ އަރަބިއާއަކީ ދިވެހިން އަގުހެޔޮކޮށް ޔޫރަޕްގެ ގައުމުތަކަށް ދަތުރުކޮށްލަން ރަނގަޅު އެއާލައިނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

