އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދަތުރުފުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ. މިއަދު މެންދުރުފަހު 13:39 ގައި އަހުމަދުއާބާދުން ފުރި ބޯއިން 787 ޑްރީމްލައިނާ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ވެއްޓުނު ބޯޓުގައި 242 ފަސިންޖަރުން ދަތުރުކުރި އެވެ. އެއާ އިންޑިއާ އިން ބުނި ގޮތުގައި ބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުންނެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާމް މޯހަން ނައިދޫ ވިދާޅުވީ “އަޅުގަނޑުމެން މިހާރު މިތިބީ އެންމެ މަތީ އެލާޓުގައި ކަމަށާއި” ރެސްކިއު ޓީމުތައް މޯބިލައިޒްކޮށްފައިވާ ކަމަށެވެ. އެއާ އިންޑިއާގެ ޗެއާމަން ނަތަރާޖަން ޗަންދުރަސެކަރަން ވެސް ވަނީ ބޯޓު ވެއްޓިފައިވާކަން ޔަގީންކޮށްދެއްވައިފައެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން ފާއިޒް އަހުމަދު ކިދުވައި ވިދާޅުވީ ބޯޓު ވެއްޓިފައި ވަނީ ޢާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓިފައި ވަނީ އިމާރާތެއްގެ މައްޗަށެވެ.
ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް އަށް ވަނީ މޭޑޭ ކޯލެއް ދީފައެވެ. ނަމަވެސް އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. ބޯޓު ވެއްޓުނު އިރު އަހުމަދުއާބާދުގެ މޫސުން ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އަހުމަދުއާބާދުގެ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ ފްލައިޓް އޮޕަރޭޝަނެއް މިހާރު ވަނީ މެދުކަނޑާލައިފައެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

