ލަންޑަނުގެ ފްލެޓެއްގައި، މަރުވިތާ 2 އަހަރާއި 9 ވަރަކަށް މަސް ދުވަސް ފަހުން ކަށިގަނޑަކަށް ވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ހާދިސާއަކީ އަޖާއިބު ކުރުވަނިވި ހާދިސާއެކެވެ. ސަބަބަކީ 2 އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އޭނާގެ ބިލުތަކަށް ބަރާބަަރަށް ފައިސާ ދައްކަމުން ދިޔަ ކަމެވެ. އޭނާގެ ގޭގެ ކުއްޔާއި ބިލުތަކަށް ފައިސާ ދިޔައީ ލިބެމުންނެވެ، އޭނާގެ އެކައުންޓުން އޮންލައިންކޮށެވެ. އެހެންނަމަވެސް 2 އަހަރަށްފަހު ފުލެޓުގެ ވެރި މީހާ ކުލި ޖަމާ ނުވާތީ ހަމަސް ދުވަހު، އީމެއިލް އާއި ލިޔުމުން ނޯޓިސް ފޮނުވައި ޖަވާބު ނުލިބި އިންތިޒާރު ކުރުމަށްފަހު ދެން ފުލެޓަށް ދިޔައީ ކޯޓު އޯޑަރާއެކު ފުލެޓުން އަންހެންމީހާ ބޭރުކޮށްލުމަށެވެ. އޭރު އެމީހާއަށް، އެ ފުލެޓުން އެހާ ބިރުގަންނަ ފަދަ މަންޒަރެއް ފެނިދާނެ ކަމުގެ އެއްވެސް ހިލަމެއް ނެތިއެވެ.
ޖޯއިސް ކެރޯލް ވިންސެންޓް (38 އަހަރު) ގެ ހަށިގަނޑު ފެނުނީ، ފުލެޓުގެ ވެރިމީހާގެ އެންގުމަކަށް ފްލެޓަށް ވަދެ ބެލިއިރުއެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު، ޓީވީ ބަލަން އިށީނދެ އިން ގޮތަށް ސޯފާގައި އިނދެ، ރިމޯޓް ހިފައިގެން އޮތް އޮތުމުގައި ހުރީ ކަށިގަނޑަށް ވެފައެވެ. ޓީވީ އިނީ ބީބީސީ 1 ޗެނަލަށް ޓިއުން ކުރެވިފައެވެ. ކައިރީގައި ނިއުޅުވާނުލައި ހުރި ޕާރުސަލްތަކެއްވެސް ހުއްޓެވެ. ފުރިޖުގައި ހުރި ކާތަކެތި ހުރީ 2003 ވަނަ އަހަރުގެ ދުވަސްތަކަށް މުއްދަތުހަމަވެފައެވެ. 2006 ވަނަ އަަހަރު ފެނުނު ޖޯއިސް ވިންސެޓްގެ ކަށިގަނޑުން އޭނާއަކީ ކާކުކަން އެނގުނީ ދަތުގެ ޑީއެންއޭ ނަގައިގެންނެވެ. ޖޯއި ގެ މަރާ ގުޅުވައިގެން 2011 ވަނަ އަހަރު ކެރޯލް މޯލީ ވަނީ "ޑްރީމްސް އޮފް އަ ލައިފް" ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ހަދާފައެވެ. މި ޑޮކިއުމެންޓަރީން އަލިއަޅުވާލަނީ މުޖުތަމަޢުގެ އެކަހެރިކަމާއި، އިޖުތިމާޢީ ގުޅުންތައް ކުޑަވަމުންދާ މިންވަރުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށެވެ. އެއްވެސް މީހަކަށް ނުހޯދުނު އޭނާގެ ފޮޓޯއެއް ލިބުނީ އޭގެ އެތައް މަހެއްގެ މަސައްކަތަށް ފަހު މި ޑޮކިއުމެންޓްރީ ފިލްމު ހެދި ކެރޯލް މޯލީ އަށެވެ.
ޑޮކިއުމެންޓްރީގެ މަސައްކަތަށް ޖޯއިސްއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ ތެރޭގައި އެނގުނުގޮތުގައި އޭނާއަކީ ވަރަށް ރީތި އަންހެނެކެވެ، "މީހުން ކިޔައިއުޅޭނެ ޖޯއި އަކީ "ވިޓްނީ ހިއުސްޓަން އޭ ، އެހާވެސް އޭނަ ރީތި،"
މަސްތުވާ އެއްޗެއް ބޭނުން ނުކުރެއެވެ، އޯވަޑޯޒް ވުމުގެ ޗާންސެއް ނެތެވެ. އަމިއްލައަކަށް މަރެއް ނުވެއެވެ. އެހެންނަމަވެސް އެކަނިވެރިކަމާއި އެކަހެރިކަމުގައި މަރުވިފަހުންވެސް ހަށިގަނޑު ކަށިފުރޭނި ދިޔައިރުވެސް އެއްވެސް މީހަކަށް ނޭނގި އެހެން ފަޅުވެފައި އޮތުމުން ކިޔައިދޭ ވާހަކަތަކުގެ މައިގަނޑަކީ "ޑިޕްރެޝަން" މީހާ ގެންދާ ހިސާބެވެ.

ފުލެޓުގެ ތަޅުލާފައި ހުރި ދޮރާއި ޖޯއިގެ ކުރީގެ ތަސްވީރއް އަދި އެތަނަށް ދިޔަ ސަރުކާރުއޮފިސަރުން، އަދ ޖޯއިގެ ކަށިގަނޑު
ސޯފާގޮނޑިއެއްގައި މަރުވެފައި އިންނަޔާ 3 އަހަރާ ގާތްކުރާ ވަރަށް ގިނަ ދުވަހަށްފަހު ފެނުނު އެ އަންހެންމީހާއަކީ އަހަރުތަކެއް ކުރިން އެތައް ގެއެއްގެ ސިޓިންގރޫމުގައި އެހިނިތުންވުމެއް އުޖާލާކޮށްދިން އަންހެނެކެވެ، ސަބަބަކީ ޖޯއިސް ވިންސެންޓް ދިރިއުޅުނީ ހައިރާންވާފަދަ ދިރިއުޅުމަކަށް ވީތީއެވެ. އޭނާ ގިލް ސްކޮޓް-ހެރޮންއާއި، ނެލްސަން މަންޑޭލާއާއި، އަދި ގިނަ ސޯލް ލަވަކިޔުންތެރިންނާއި މިއުޒިޝަނުންނާ ބައްދަލުކޮށްފައިވެއެވެ. މަންޑޭލާގެ ކޮންސަޓެއްގައި އޭނާ ހުރި ވީޑިއޯ ކްލިޕެއް އެބަހުއްޓެވެ… އޭގައި އޭނާ ފެންނަނީ ވަރަށް އުފާވެރި، ދިރުންހުރި ގޮތަކަށެވެ. މިއީ އޭނާގެ ހަނދާން ދަމަހައްޓާލުމަށް ލިބުނު ވަރަށް ރީތި މަންޒަރެކެވެ.
"ވީޑިއޯ ޖޮއިސްގެ މަންޒަރުން ވެމްބްލީގެ ތޮއްޖެހިފައިވާ މީހުންގެ މަންޒަރަށް ބަދަލުވިއެވެ. އަދި އަޅުގަނޑު ވިސްނާލީ އޭނާއާ މެދުގައެވެ. ސްޓޭޖް ފަހަތުގައި، އޭނާގެ މާހައުލުގައި، އުފަލުން ފޮޅިގެން، އަނީތާ ބޭކަރާއި ޑެންޒެލް ވޮޝިންގްޓަނާ ވާހަކަދައްކަމުން، ނެލްސަން މަންޑޭލާއާ އަތުގުޅާލަމުން، ހަގީގީ ތަރިތަކާއެކު އެއް ކޮޓަރިއެއްގައި ހުރި މަންޒަރެވެ. އޭނާއަށް އޭރު 26 އަހަރެވެ. ކުރިއަށްދާން ބޭނުންވާ، ރީތި، މުސްތަގުބަލާމެދު އުންމީދުން ފުރިފައިވާ ހުށިޔާރު ރީތި އަންހެނެކެވެ. އޭނާގެ މުޅި ދިރިއުޅުން އޮތީ ކުރިމަތީގައެވެ. އެހެންނަމަވެސް އޭގެ 13 އަހަރު ފަހުން އެކަހެރި އެކަނި ފުލެޓެއްގައި އުއްމީދުތައް މަރުވިތާ އެތައް ދުވަަހަކަށް ފަހު އޭނާ އެ އިނީ ސޯފާ ގޮނޑިއެއްގައި މިއަދުވެސް، ބީބީސީގެ ހަބަރުން ސިޔާސީ ކަންތަކަށް ބަލަން އިނދެ މަރުވެ ހަރުވެފައެވެ. އަދި އެކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއްވެސް މީހަކަށް ނުފެންނާނެއެވެ." ކެރޯލް މޯލީ ބުނެފައިވެއެވެ.
ޖޯއިސްގެ ބިލުތަކަށް ފައިސާ ދެއްކުން އޮޓަމެޓިކުން ކުރިއަށް ދިޔުމުގެ ސަބަބުން، އޭނާ މަރުވެފައިވާކަން އެއްވެސް ފަރާތަކަށް އެނގިފައެއް ނުވެއެވެ. އެޕާޓްމަންޓަކީ ޖޯއިސް ސަލާމަތްކޮށް އޭނާއަށް އައު ދިރިއުޅުމެއް ހޯދައިދިން އެންޖީއޯގެ އެހީގައި ކުއްޔަށް ނެގި އެޕާޓްމަންޓެކެވެ. އެ އެންޖީއޯ އިން އެގޮތަށް އެހީވާ ފަރާތްތަކަށް ދިރިއުޅެވޭނެ ގޮތް މަގުފަހިކޮށްދެއެވެ. އަދި ކޮންމެ އަހަރަކުވެސް އެމީހުންގެ ފަރާތުން އެހީއަށްވާ ފައިސާ އެފަދަ އަންހެނުންގެ ބޭންކް އެކައުންޓްތަޖަށް ޖަމާވަމުންދެއެވެ. މިއީވެސް ޖޯއިސް އެގޮތަށް މަރުވެފައި އިންކަން މީހުންނަށް ނޭނގި އޮތް އެއް ސަބަބެވެ. އެހެނީ އޭނާގެ ބޭންކު އެކައުންޓުގައި ހުރި ފައިސާއިން ކަރަންޓު، ފެން އަދި އިންޓަނެޓް ފަދަ ޚިދުމަތްތަކުގެ ބިލުތައް ގަވާއިދުން ދެއްކެމުން ގޮސްފައިވެއެވެ. އޭގެ ބަދަލުގައި ބިލުތައް ދައްކަމުން ނުދިޔަނަމަ ޔުޓިލިޓީ ހިދުމަތްތައް ދޭ ފަރާތްތަކަށް އެ ހިދުމަތް މެދުކަނޑާލައި ބިލުތަކަށް ފައިސާ ނުލިބޭ ސަބަބު ބަލަން ދާން ޖެހުނީހެވެ. އަދި ޖޯއިސްގެ ހަށިގަނޑު މާ ކުރިން ފެނުނީސްކަން ނޭނގެއެވެ.
އެސަރަހައްދުން ކުނިވަސް ނުދުވާހޭ މީހުން ސުވާލުކޮށްފައި އޮތުމުން އޭގެ ޖަވާބުވެސް ބައެއް ލިޔުންތަކުގައި ދީފައިވެއެވެ. ޖޯއި ދިރިއުޅުނު އެޕާޓްމަންޓަކީ ވަރަށް އެކަހެރި ހިސާބެއްގައި ހުރި ތަނެކެވެ. އެއީ އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއް ނޫނެވެ، މަދުބަޔަކު ދިރިއުޅޭ އެސަރަހައްދުގައި ގިނައިން އުޅެނީ ފަގީރުންނާއި ސަލާންޖަހާ މީހުންނެވެ، އެހެންކަމުން އެމީހުން ދިރިއުޅޭ ސަރަހައްދު ކުނިގޮނޑެއްގެ ބަޔަކަށްވުރެ ވަކި ދެރައެއްނޫނެވެ. އަދި އެމީހުންނަކީ ޖެހިގެން ހުންނަ އަވަށްޓެރިޔާގެ ހާލު ބަލައި އުޅޭ ބައެއްނޫނެވެ. އާންމުކޮށް މިފަދަ "ސްލަމްސް" ސަރަަހައްދުތަކުން ދުވާނީ ނުބައި ވަސްތަކެވެ. ޖޯއިގެ އެޕާޓްމަންޓް ހުރީ މި ސްލަމްސް ހިސާބާ މާ ދުރުނޫން ގޮޅިއެއްގައެވެ. ފައްޗަކަށް ހަދާފައިވާ ކުދިކުދި އެޕާޓްމަންޓުތައް ފުރާލާފައި އޮންނަނީ ބޭރުގައުމުތަކުން އަންނަ މަޖޫރީންނާއި ފަގީރުންގެ ބައިގަނޑުތަކުންނެވެ. އެހެންކަމުން އިންސާނެއްގެ ހަށިގަނޑު ކުނިވާ ވަސް އެމީހުންނަށް މާބޮޑު ކަމަކަށްނުވާނެތާއެވެ. ތާ އަބަދު ދިރޭތަކެތި ކުނިވާ ވަހާއި ކުނިވެފައި ހުންނަ ކާއެއްޗެއްސާއި މަސްފަދަ ތަކެތީގެ ކުނިވަހުން އެސަރަައްދު އޮންނަނީ އެއްވަސްކުރުވާފައެވެ. (އަޅުގަނޑުމެން ދިވެހިންނަށް މިފަދަ ކަންތައްތައް އާ ކަމަކަށްވިޔަސް ދުނިޔޭގެ ގިނަ ގައުމުތައް، މުއްސަނދި ބޮޑެތި ގައުމުތަކުގައިވެސް ސްލަމްސްސިޓީ ތައް ހުރެއެވެ، އެފަދަ ފަގީރުންނާއި މަޖޫރީން އުޅޭ ސަރަހައްދުތަަކަކީ އަޅުގަނޑުމެން ދިވެހިން ހިތަށްވެސް ނުގެނެވޭފަދަ ހާލަތެއްގައި އޮންނަ ސަރަހައްދުތަކެވެ.)
1980 ގެ އަހަރުތަކުގައި ލަންޑަނުގެ މާލީ ދާއިރާގައި މަތީ މަޤާމެއްގައި މަސައްކަތްކުރި ޖޯއިސް އަކީ، އޭރު ގިނަ އެކުވެރިންތަކެއް ތިބި މީހެކެވެ. ޖޯއީގެ އުމުރުން 11 އަހަރުގައި ބައްޕަ ނިޔާވުމުން އޭނާ އަށް އެކަމުން ވަރަށް އަސަރުކުރި ކަމަށް އޭނާގެ މަންމަގެ ފަރާތުން ފިލްމަށް މައުލޫމާތު ހޯދިއިރު އެނގުނެވެ. ފަހުން ހަމަޖެހި ތައުލީމު ހާސިލުކޮށް އެހާ ރަނގަޅު ވަޒީފާވެސް އަދާކޮށްފައިވެއެވެ. ނަމަވެސް ފަހުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސް ދިރިއުޅުނީ އެ ފުލެޓުގައު އެކަހެރި ވެގެންނެވެ. އޭނާގެ ޒުވާން އުމުރުގައި ހަޔާތުގެ ބައިވެރިއަކަށް ޚިޔާރު ކުރެވުނީ ވަރަށްވެސް އަނިޔާވެރި، އެހާމެ ރަޙުމު ކުޑަ މީހެކެވެ. ފިރިމީހާގެ އަނިޔާގެ ޝިކާރައަކަށްވެފައި އިން ޖޯއިސް ސަލާމަތްވީ ވަރަށް އުނދަގުލުންނެވެ. ޑޮމެސްޓިކް ވަޔަލެންސް، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ޖޯއި އެ ދިރިއުޅުމުން ސަލާމަތްވީއިރު ހާލަތު ވަނީ ވަރަށް ވެސް ދެރަވެފައެވެ. ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީވާ ޖަމިއްޔާއަކަށް ޖޯއިސްގެ މައުލޫމާތު ލިބިގެން އެހީވާނެ ދިޔައިރު އޭނާ އޮތީ ވަރަށް ބޮޑަށް އަނިޔާވެ ހުންވެސް އައިސްފައިކަމަށްވެއެވެ، އެމީހުން ޖޯއިސްއަށް ފަރުވާ ދީ އޭނާ އަށް އަލުން ދުނިޔޭގެ ތެރެއަށް ނުކުންނަން ހިތްވަރު ދިނެވެ. އެންޖީއޯ މީހުންނަށް ޖޯއި ދެއްކީ ހިނިތުންވެފައިވާ މޫނެކެވެ. އެހެންނަމަވެސް އޭނާގެ ދިރިއުޅުން އެ ހާދިސާއަށްފަހު ކުރީގެ އުފާވެރި ދިރިއުޅުމަކަށް ދުވަހަކުވެސް ބަދަލެއްނުވިއެވެ. އަދި ދެން އޭނާގެ ދިރިއުޅުން އެ ފުލެޓުގެ އެކަނިވެރި މާހައުލަށް ބަދަލުކޮށް ނިމިދިޔައީ އެކަނިވެރިކަމާއި މާޔޫސްކަންމަތީގައެވެ. ޑިޕްރެޝަނުގެ ވޭނުގެ ތެރޭގައެވެ.
ޖޯއިގެ އެކަނިވެރިކަން ވިސްނާލީމަ އަސަރުކުރާނެކަން ޔަގީނެވެ. އެހެނީ އޭނާ މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުޑަވަރެއްގެ ސާޖަރީއެއް ކުރަން ޖެހުނެވެ. ހޮސްޕިޓަލުގެ ބިލުތަކާއި ސަމަރީ ޑޮކިއުމެންޓުތަކުގައި އާއިލާ ނޫނީ ގާތްތިމާގެ މީހެއްގެ ނަމަކަށް ލިޔެފައި އޮތީ އޭނާގެ ފައިސާ ޖަމާކޮށްފައިވާ ބޭންކް މެނޭޖަރުގެ ނަމެވެ. މިއީ އޭނާގެ އެކަނިވެރިކަމާއި ހިތްދަތި ދިރިއުޅުން ސިފަކޮށްދެ ކަމެކެވެ. އޭނާއަށް އިތުބާރު ކުރެވޭ ގާތް މީހަކަށް ހުރީ ހަމައެކަނި ބޭންކް މެނޭޖަރެވެ.
މި ހިތާމަވެރި ހާދިސާއިން ދައްކުވައިދެނީ މުޖުތަމަޢުގެ ސަމާލުކަން އިތުރުކުރުމާއި، އެކަހެރިވެފައިވާ މީހުންނަށް އަޅާލުމުގެ މުހިންމުކަމެވެ. އަދި ހަމައެހެންމެ، ޑިފްރެޝަންގެ ވޭނުގައި އުޅޭ މީހުންނަށް އަޅާލުމާއި އޯގާތެރިވުމުގެ މުހިންމު ކަމުގެ އިތުރަށް ތިމާއަށް އެހީ ބޭނުންވާ ވަގުތު އަނެކާ ގާތުން އެހީއަށް އެދުމުގެ މުހިންމުކަންވެސް މެއެވެ.

