އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ.
242 ފަސިންޖަރުން ދަތުރުކުރި މި ބޯޓާ މެދު ގުޅުން ކެނޑުނީ އަހުމަދުއާބާދު އެއާޕޯޓުން ފުރިތާ މިނިޓެއްވެސް ނުވަނީސެވެ. މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، މި އުނދަގޫ ވަގުތު އިންޑިއާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރާއެކު ހުންނެވިކަން ހާމަކުރައްވާފައެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާމް މޯހަން ނައިދޫ ވިދާޅުވި ގޮތުގައި މިހާރު ތިބީ އެންމެ މަތީ އެލާޓުގައި ކަމަށާއި، ރެސްކިއު ޓީމުތައް މޯބިލައިޒްކޮށްފައިވާ ކަމަށެވެ. ބޯޓު ވެއްޓުނު އިރު އަހުމަދުއާބާދުގެ މޫސުން ރަނގަޅު ކަމަށާއި، ވައި ޖެހެމުން ދިޔައީ އާދައިގެ މިންވަރަކަށް ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ.
ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން ހާމަކުރި ގޮތުގައި ބޯއިން 787 ޑްރީމްލައިނާ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރުފަހު 13:39 ގައި ކަމަށާއި، ގެޓްވިކްގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގައެވެ.
ބޯޓުގައި ދަތުރުކުރި 242 ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހުންނާއި، އިނގިރޭސިވިލާތުގެ 53 މީހުންނާއި، ކެނެޑާގެ އެއް މީހަކާއި، ޕޯޗުގަލްގެ ހަތް މީހުންނެވެ. އަދި ބޯޓުގެ ކެޕްޓަނަކީ 8،200 ގަޑިއިރުގެ ދަތުރުފުރުމުގެ ތަޖުރިބާ ހުރި ފަޅުވެރިއެއް ކަމަށާއި، ކޯ-ޕައިލެޓަކީ 1،100 ގަޑިއިރުގެ ތަޖުރިބާ ހުރި ފަޅުވެރިއެއް ކަމަށް އެއާ އިންޑިއާއިން ބުނެފައިވެއެވެ.

