އަހުމަދާބާދުގައި މިއަދު ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ސަލާމަތްވި ކަމަށް އަހުމަދާބާދު ޕޮލިސް ކޮމިޝަނަރު ޖީ.އެސް މަލިކް ހާމަކުރައްވައިފިއެވެ.
ސަލާމަތްވި ހަމައެކަނި ފަސިންޖަރަކީ އިނގިރޭސި ވިލާތުގައި ސިޓިޒެންޝިޕް ލިބި ދިރިއުޅެމުންދާ، އިންޑިޔާއަށް އުފަން ނަމަވެސް މިހާރު އިނގިރޭސިރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް (40 އަހަރު) އެވެ. އޭނާ ދަތުރުކުރީ 11އޭ ގޮނޑީގައެވެ. އޭނާއާއެކު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ވެސް ދަތުރުކުރިއެވެ.
އަހުމަދާބާދުގައި މިއަދު ހިނގި އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ނުރައްކާތެރި ހާދިސާއިން ސަލާމަތްވި ހަމައެކަނި މީހާ ވިޝްވާޝް ކުމާރު ރަމޭޝް ވަނީ އެ ހިތާމަވެރި ހާދިސާ ހިނގި ގޮތުގެ ތަފްސީލު ހިއްސާކޮށްފައެވެ.
އެ ހާދިސާއާ ބެހޭގޮތުން މަޢުލޫމާތު ދެމުން ވިޝްވާޝް ބުނީ މަތިންދާބޯޓު ފުރުމާއެކު ކުއްލިއަކަށް ގަދަ އަޑެއް އިވުނު ކަމަށާއި، އެއަށްފަހު އަލިފާނުގެ ތެރެއިން ދުވެފައި ސަލާމަތްވި ކަމަށެވެ. އޭނާގެ އަޚް އަޖޭ ކުމާރު ރަމޭޝް (45) ވެސް އެ ބޯޓުގައި ދަތުރުކުރި ނަމަވެސް، މިހާތަނަށް އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށް ވިޝްވާޝް ވަނީ ހާމަކޮށްފައެވެ.
އެ ދެ އަޚުން ދަތުރުކުރަމުން ދިޔައީ ގުޖުރާތުގައި އާއިލާއާ ބައްދަލުކުރުމަށްފަހު އިނގިރޭސި ވިލާތަށް އެނބުރި ދިއުމަށެވެ. ވިޝްވާޝްގެ މޫނަށާއި މޭމައްޗަށާއި ފަޔަށްވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އޭނާއަށްހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެތައް ބައެއްގެ އާއިލާތަކުން ދަނީ ހިތާމަފާޅުކުރަމުންނެވެ.
އަހުމަދާބާދު ޕޮލިސް ކޮމިޝަނަރު ޖީ.އެސް މަލިކް ވިދާޅުވި ގޮތުގައި މި ހާދިސާގައި 241 މީހުން މަރުވެފައިވާ ކަމަށާއި، ބޯޓު ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.
ލަންޑަނަށް ދަތުރުކުރަމުންދިޔަ މި ބޯޓުގައި ދަތުރުކުރީ އިންޑިއާގެ 169 މީހުންނާއި، އިނގިރޭސި ވިލާތުގެ 53 މީހުންނާއި، ކެނެޑާގެ އެކަކާއި، ޕޯޗުގަލްގެ ހަތް މީހުންނެވެ. މީގެ ތެރޭގައި ފަޅުވެރިންވެސް ހިމެނެއެވެ.
ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ފަސިންޖަރުންގެ ޢާއިލާތަކުން ވަނީ އަހުމަދާބާދުގެ ސިވިލް ހޮސްޕިޓަލަށް އެއްވެފައެވެ. އަދި މި ވަގުތު ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

