ސަރުކާރު ސްކޫލްތަކުގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކުރައްވާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ސަރުކާރު ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވިއެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.
މިދިޔަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން ޖުމްލަ 3,704 ކްލާސްރޫމް އޭސީކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
"ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމަކީ ވީހާވެސް އަވަހަކަށް މި ޕްރޮޖެކްޓް ނިންމާލުން. ސަރުކާރުން އެންމެ ފުރަތަމަ ސްކޯޕް އެކުލަވާލީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށް. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އެސްޓިމޭޓް ޓައިމްލައިނަކީ މިއަހަރުގެ ސެޕްޓެންބަރު ނިމޭއިރު ސްކޫލްތަކަށް އޭސީ ފޮނުވާ ހަރުކުރުމުގެ މަސައްކަތް ނިންމުން،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މިދިޔަ މެއި މަހުގެ ނިޔަލަށް 401 ކްލާސްރޫމެއްގައި 802 އޭސީ ހަރުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން، މިހާތަނަށް 53 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށާއި، އިތުރު ސްކޫލްތަކުގައިވެސް މި މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

