ލަންޑަނަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް އަހުމަދުއާބާދުގައި ހުރި ޑޮކްޓަރުންގެ ހޮސްޓަލެއްގެ މައްޗަށް ވެއްޓި، 204 މީހުން މަރުވެއްޖެ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ގުޖުރާތު އަހްމަދާބާދުގައި ހުންނަ ސަރުދާރު ވަލަބްބާއީ ޕަޓެލް އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރި އެއާ އިންޑިއާގެ ފްލައިޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށްކަން ހާމަކުރަމުން ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ބުނީ މިހާރު އެކަކު ފިޔަވައި ބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތްވި ކަމުގެ އުއްމީދެއް ނެތް ކަމަށާއި ފެނިފައިވާ ފުރާނަނެތް ހަށިތަކަށްވުރެ އިތުރަށްވެސް މަރުވެފައިވާ މީހުން ފެނިދާނެ ކަމަށެވެ، ސަބަބަކީ މިބޯޓު ވެއްޓުނީ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ކަމަށްވާތީއެވެ.
މިއަދު މެންދުރު އަހުމަދުއާބާދުން ފުރި އެއާ އިންޑިއާގެ ފްލައިޓް އޭއައި171 ގައި ޖުމްލަ 242 ފަސިންޖަރުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ކެނެޑާގެ އެކަކާއި ޕޯޗުގަލްގެ ހަތް މީހުން ހިމެނެ އެވެ.
އިންޑިއާގެ ފެޑެރޭޝަން އޮފް އޯލް އިންޑިއާ މެޑިކަލް އެސޯސިއޭޝަނުން ބުނާ ގޮތުގައި މި ހާދިސާގައި 50-60 އާ ދެމެދުގެ އަދަދެއްގެ ޑޮކްޓަރުން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން ދެ ޑޮކްޓަރަކަށް އައިސީޔޫގައި ފަރުވާދެމުންދާ އިރު، ފަސް ޑޮކްޓަރަކު އަދިވެސް ވަނީ ގެއްލިފަ އެވެ.
ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން ހާމަކުރާ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ 625 ފޫޓުގެ އުސްމިނެއްގަ އެވެ. ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލަށް މޭޑޭ ކޯލެއް ދިން ނަމަވެސް، އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އިތުރު އެއްވެސް މުއާސަލާތެއް ކުރެވިފައެއް ނުވެ އެވެ.
މި ހާދިސާ ހިނގި އިރު އަހުމަދުއާބާދުގެ މޫސުން ރަނގަޅު ކަމަށާއި، ވައި ޖެހެމުން ދިޔައީ އާދައިގެ މިންވަރަކަށް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ދުރު ފެންނަ މިންވަރު ހުރީ ހަ ކިލޯމީޓަރުގައި ކަމަށް ވެސް އެ ފަރާތުން ފާހަގަކުރެއްވި އެވެ. ބޯޓުގެ ކެޕްޓަނަކީ 8،200 ގަޑިއިރުގެ ދަތުރުކުރުމުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށާއި، ކޯ-ޕައިލެޓަކީ 1،100 ގަޑިއިރުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.
މިއީ ބޯއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މިފަދަ ހާދިސާއަކާ ކުރިމަތިވި ފުރަތަމަ ފަހަރެވެ. 14 އަހަރު ކުރިން މާކެޓަށް ނެރުނު މި މޮޑެލްގެ ބޯޓުތަކުން މިހާތަނަށް އެއް ބިލިއަން ފަސިންޖަރުން އުފުލާފައިވާ ކަމަށް ބޯއިން ކުންފުނިން ހަ ހަފުތާ ކުރިން އިޢުލާންކޮށްފައިވެ އެވެ.

